ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި، އެ ފަރާތްތަކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ސަރުކާރުން އިތުރަށް ހަރުދަނާކޮށްފިއެވެ. މިގޮތުން ކަމާބެހޭ އިދާރާތައް ގުޅިގެން މާލެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް، އޭގެ ތެރެއިން 5 ތަނަކަށް ނޯޓިސް ދިނުމަށްފަހު ވަނީ ބަންދުކޮށްފައެވެ. މިއީ ސައްޚަ ވިސާއެއް ނެތި އުޅޭ ބިދޭސީން ހޯދައި އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި، ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ވިޔަފާރީގެ ތެރޭގައި އަދި އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ. މިގޮތުން ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 47 އަށްވުރެ ގިނަ ވިޔަފާރި ވަނީ ބަންދުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ދާދި ފަހުން ވިދާޅުވެފައިވަނީ، ބަންދުކުރެވޭ ބައެއް ތަންތަނަކީ މަނީ ލޯންޑަރިންގ ނުވަތަ ޣައިރު ޤާނޫނީ ގޮތެއްގައި ފައިސާ ދައުރުކުރާ ކަމަށް ޝައްކުކުރެވޭ ތަންތަން ކަމަށެވެ. އެފަދަ ތަންތަނުން ފައިސާ ހޯދާ ގޮތާއި ދައުރުކުރާ ގޮތް ބަލައި، ޖިނާއީ މިންގަނޑުން ތަޙުޤީޤު ހިންގުމަށް ފުލުހުން ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި، އެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ދިވެހި ފަރާތްތަކާ މެދު ދަޢުވާ ކުރައްވާނެ ކަމުގެ އިންޒާރުވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ނަމުގައި ދިވެހިން ތިބެ، އަޑީގައި ބިދޭސީން ލައްވާ ވިޔަފާރި ކުރުވުން ހުއްޓާލައި، ދިވެހިން އަމިއްލައަށް ވިޔަފާރި ކުރުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ބިދޭސީން އެކި ތަންތަނުގައި ހިންގަމުންދާ ވިޔަފާރިތައް ބަންދުވާން ފެށުމުން ދިވެހި ވިޔަފާރިތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެ، އޭގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސަރުކާރުން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ