މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ބަންގްލަދޭޝްގެ ހަ މީހަކު ހޯދުމަށް އެ އިދާރާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެ މީހުން ފެނިފައިނުވާތީ، އެ މީހުންގެ ފޮޓޯއާއި ވަނަވަރު ހިމެނޭހެން ނެރުނު އިއުލާނެއްގައެވެ. ނަމަވެސް، މި މީހުން ހޯދަމުންދަނީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެންކަމެއް އެ އިދާރާއިން ތަފްސީލުކޮށްފައެއް ނުވެއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހޯދަމުންދާ ހަ މީހުންނަކީ އުމުރުން 41 އަހަރުގެ ބާބުލް މިއާ، 28 އަހަރުގެ އަބްދުލް ކެއިދަރް ނިލޯއި، 25 އަހަރުގެ އެމްޑީ އިބްރާހިމް، 32 އަހަރުގެ ސޮހެއިލް މިއާ، 26 އަހަރުގެ ރަނާ މިއާ އަދި 30 އަހަރުގެ އެމްޑީ މިރާޒްއެވެ. މި ފަރާތްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ އެ މީހުން ފެނިއްޖެނަމަ ލަސްނުކޮށް އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
މި މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ އާއި ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ފާއިތުވި އަހަރު ތެރޭގައި ވެސް ގަވާއިދާ ޚިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓްކޮށް، އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ކޮމެންޓު ފޮނުވާ