ހުއްދަ ނުނަގާ ހ. ވެޔޮވިލާގޭގައި ވެރިކަން ކުރާ ޕީއެންސީގެ އޮފީސް އިމާރާތްކުރި މައްސަލައިގައި ކޮށްފައިވާ ޖޫރިމަނާ ފައިސާ، އެ ގޭގެ ވެރިފަރާތުން ދައްކާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ފަސް ފަންގިފިލާއަށް ހަދައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި މި އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހުއްދަ ނުނަގާ ކަމަށް ބުނެ، މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެ ގޭގެ ވެރިފަރާތް ވަނީ 128،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އެ އިމާރާތުގެ ވެރިފަރާތް ކަމަށްވާ ޝަފީޢާ ޒުބައިރު މީގެ ކުރިން ވަނީ ހުއްދަ ނުނަގާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އިމާރާތުގެ ކުރެހުމަށް ބަދަލު ގެންނަން ކައުންސިލްގައި އެދިފައިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މޭޔަރު އާޒިމް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު މިހާރު އާ ކުރެހުމެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު ހަދާފައިވާ އިމާރާތް ހުރީ އެ ކުރެހުމާ އެއްގޮތަށްތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލުން އަޅާނެކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
ކުރިން ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ތަނުގައި ތަރައްގީކޮށްފައިވާ މި އިމާރާތް ޕީއެންސީން ބޭނުންކުރަން ފަށާފައިވަނީ ޖުލައި 2024 ގައެވެ. އާޓިފިޝަލް ބީޗާ ދިމާލަށް ވާގޮތަށް ހުންނަ މި އޮފީހުގައި ބޮޑު ލެޑް ސްކްރީނެއް ހަރުކޮށްފައިވާއިރު، މިއީ ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީގެ މައި ހަރަކާތްތައް ހިންގުމަށް ބޭނުންކުރާ މައި މަރުކަޒެވެ.
ކޮމެންޓު ފޮނުވާ