ސިފައިންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ވަކިވުމަށްފަހު، ދައުލަތުގެ އެހެން ވަޒީފާއެއް އަދާކުރާނަމަ ރިޓަޔަމަންޓް އިނާޔަތް ނުލިބޭ ގޮތަށް "ސިފައިންގެ ރިޓަޔަމަންޓް ގަވާއިދު" ޑިފެންސް މިނިސްޓްރީން އިސްލާހުކޮށްފިއެވެ. މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ގެނައި މި އިސްލާހުގައިވާ ގޮތުން، ރިޓަޔާކޮށްފައިވާ ފަރާތަކުން އިންތިހާބީ މަގާމެއް، ސަރުކާރުގެ ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައި ރިޓަޔަމަންޓް އިނާޔަތެއް ނުލިބޭނެއެވެ.
މި އިނާޔަތް އަލުން ލިބެން ފަށާނީ، އެމީހަކު އަދާކުރާ ދައުލަތުގެ ވަޒީފާއިން ވަކިވާ މަސް ނިމުމަށްފަހު، ޖެހިގެން އަންނަ މަހުން ފެށިގެންނެވެ. އަދި ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދާކަން ޕެންޝަން އޮފީހަށް ނުވަތަ އިނާޔަތްދޭ އިދާރާއަށް ނާންގައި، މުސާރައާއި އިނާޔަތް އެކުގައި ނަގަމުންދާނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މިއީ މީގެ ކުރިން ރިޓަޔާކޮށްފައިވާ އެންމެންގެ މައްޗަށްވެސް ހިނގާނެ ބަދަލެކެވެ.
މި ބަދަލަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ވަޒީފާގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އިނާޔަތް އެއްކޮށް ލިބޭތީ އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅެކެވެ. ސިފައިންގެ އިތުރުން ފުލުހުންނާއި ސިވިލް ސަރވިސްގެ ގަވާއިދުތައްވެސް މިގޮތަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ