ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު މިއަދު ކުއްލި ގޮތަކަށް އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެން، ކުންފުނި ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރުއާ ހަވާލުކުރައްވައިފިއެވެ.
ކުންފުނީގެ ހިންގުން ވަގުތީ ގޮތުން ޑރ. އަޒްވަރުއާ ހަވާލުކުރެއްވުމާއެކު، އޭނާ އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅަކީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަޒްހަދު ރަމީޒު މަގާމުން ވަކިކުރެއްވުމެވެ. ކުންފުނީގެ އެންމެ އިސްވެރިޔާ ބަދަލުވުމާއެކު، ޕްރޮކިއުމަންޓް ހެޑް މަގާމުން ދުރުކުރިކަން އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު' ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޝަމާހު މަގާމުން ވަކިކުރެއްވުމާ ގުޅިގެން ކުންފުނީގެ ހިންގުމަށް މި ބޮޑެތި ބަދަލުތައް އައިސްފައިވާއިރު، ޝަމާހު ވަކިކުރި ފަހުން އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ވާހަކަދައްކާ އޯޑިއޯއެއް ވެސް ވަނީ މީސްމީޑިއާގައި ލީކްވެފައެވެ. މި ކުއްލި ބަދަލުތަކާ ގުޅޭގޮތުން ސްޓެލްކޯއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ