ޕީއެންސީގެ އާ އޮފީސް އިމާރާތްކުރީ ހުއްދަ ނަގައިގެން ކަމަށް ބުނެ، މޭޔަރުގެ ވާހަކަ ވެރިފަރާތުން ދޮގުކޮށްފި

ޕީއެންސީގެ އާ އޮފީސް އިމާރާތްކުރީ ހުއްދަ ނަގައިގެން ކަމަށް ބުނެ، މޭޔަރުގެ ވާހަކަ ވެރިފަރާތުން ދޮގުކޮށްފި

Author
އަހުމަދު
11 ޖެނުއަރީ 2026 06:59
0

ހ. ވެޔޮވިލާގޭގައި ހަދާފައިވާ ޕީއެންސީގެ އައު އޮފީސް އިމާރާތްކުރީ މާލޭ ސިޓީ ކައުންސިލުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނަގައިގެން ކަމަށް އެ ގޭގެ ވެރިފަރާތް ކަމަށްވާ ޝަފީޢާ ޒުބައިރު ބުނެފިއެވެ. ޝަފީއާ މިހެން ބުނެފައިވަނީ، އެ އިމާރާތުގެ މަސައްކަތްކުރީ ހުއްދަ ނުނަގާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

މޭޔަރު އާޒިމް ވިދާޅުވެފައިވަނީ ހުއްދަ ނުނަގާ މަސައްކަތް ކުރުމުގެ ސަބަބުން، ނިމުނު ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ގޭގެ ވެރިފަރާތް 128،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ޝަފީޢާ ބުނީ އިމާރާތްކުރުމުގެ ހުއްދަ ކައުންސިލުން ދީފައިވާ ކަމަށާއި، ފަހުން ކުރެހުމަށް ބަދަލު ގެންނަން ޖެހުމުން އެކަމަށްވެސް އެދި، ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކައުންސިލުން ދޫކޮށްފައިވާ ހުއްދަތަކުގެ ލިޔެކިޔުންތައް އޭނާގެ އަތުގައި ހުރިކަން ޝަފީޢާ ފާހަގަކުރިއެވެ.

ކުރިން ޑިމޮކްރެޓްސްގެ ހަރުގެ ހިންގި މި އިމާރާތް ޕީއެންސީން ބޭނުންކުރަން ފެށީ 2024 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ފަސް ފަންގިފިލާއަށް އުސްކޮށް، ބޭރު ފާރުގައި ބޮޑު ލެޑް ސްކްރީނަކާއެކު ތަރައްޤީކޮށްފައިވާ މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީ ކަމަށްވާ ޕީއެންސީގެ މައި ހަރުގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.