ބިންގާ އަޅާފައިވާ ބްރާންޗްތަކާއި ޑޮލަރު އޭޓީއެމްތަކުގެ ޚިދުމަތް މާޗް މަހުގެ ނިޔަލަށް ފަށަނީ

ބިންގާ އަޅާފައިވާ ބްރާންޗްތަކާއި ޑޮލަރު އޭޓީއެމްތަކުގެ ޚިދުމަތް މާޗް މަހުގެ ނިޔަލަށް ފަށަނީ

Author
ހުސައިން
11 ޖެނުއަރީ 2026 07:05
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި އަލަށް ބްރާންޗްތައް ހެދުމަށް ބިންގާ އަޅާފައިވާ ރަށްތަކާއި، ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ރަށްތަކުގައި އެ މަސައްކަތްތައް ނިންމައި، އަންނަ މާޗް މަހުގެ ނިޔަލަށް ޚިދުމަތް ދޭން ފަށާނެކަން އެ ބޭންކުން ހާމަކޮށްފިއެވެ. ބޭންކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑޮލަރު އޭޓީއެމް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ރަށްތަކާއި، ބްރާންޗް އެޅުމަށް ބިންގާ އަޅާފައިވާ ހުރިހާ ރަށެއްގައިވެސް މާޗް މަހުގެ ނިޔަލަށް އަމަލީ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ލިބެން ފަށާނެއެވެ.

ބީއެމްއެލްގެ ބްރާންޗްތައް ގާއިމްކުރުމަށް ބައެއް ރަށްރަށުގައި ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިންނެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގި ޚާއްސަ މަޝްރޫއުގެ ދަށުން، ގިނަ ރަށްތަކެއްގައި އޭޓީއެމްތައް ބަހައްޓައި އެ ރަށްރަށުގައި މިހާރުވެސް ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

މުޅި ރާއްޖެ ހިމެނޭހެން އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދެމުން އަންނަ ބީއެމްއެލްއިން މިހާރުވެސް 20 އަތޮޅެއްގައި 42 ބްރާންޗާއި، 190 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުގެ އިތުރުން 248 އޭޓީއެމް މެދުވެރިކޮށް އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މުއާމަލާތް ކުރެވޭނެ މަގު އެ ބޭންކުން ވަނީ ފަހިކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.