ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ބަދަލު ގެންނަ ބިލުގެ މަސައްކަތަަށް އިތުރު ވަގުތު ދީފި

ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ބަދަލު ގެންނަ ބިލުގެ މަސައްކަތަަށް އިތުރު ވަގުތު ދީފި

Author
ޙަސަން މުޙައްމަދު
06 ޖެނުއަރީ 2026 05:30
0

ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ބޭސްކުރުމަށާއި ހައްޖަށް ދިއުމަށް ޕެންޝަން ފައިސާއިން ހަރަދުކުރެވޭނެ ގޮތް ހެދުމަށް، ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ނިންމުމަށް އިތުރު ވަގުތު ދީފިއެވެ.

ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާއަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި މި ބިލަށް 51 މެންބަރުން ވޯޓު ދެއްވައި ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. ކޮމިޓީން އިއްޔެ ނިންމީ ބިލުގެ މަސައްކަތް މިއަދު ނިންމާލާށެވެ. ނަމަވެސް މިއަދު ބޭއްވި ޖަލްސާއިން، އާއްމުކޮށް ހިޔާލު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިގުކޮށް، ބިލުގެ މުޅި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމަން ފާސްކޮށްފައިވެއެވެ.

ބިލްގައި ބުނެފައިވަނީ، ޓާމިނަލް އިލްނަސްގެ ހާލަތުގައިވާ މީހުންނަށާއި ފުރާނައަށް ނުރައްކާވާފަދަ ބޮޑު ބައްޔަކަށް ފަރުވާ ހޯދާ މީހުންނަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވޭނެ ކަމަށެވެ. ޕެންޝަން ލިބޭ އުމުރު ނުވިނަމަވެސް، މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ފައިސާ ދޫކޮށްދިނުމަށް އެދިއްޖެނަމަ، ވަކިވަކިން ނުވަތަ އެއްފަހަރާ އެ ފައިސާ ދޫކުރެވޭނެއެވެ.

އިސްލާހުގައި ހިމެނެނީ، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަށްވުރެ ގިނަ އާމްދަނީއެއް ލިބޭ މީހުންނަށް އަސާސީ ޕެންޝަން ނުދިނުމާއި، ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު، ބާކީ 80 އިންސައްތަ ފައިސާ ޕެންޝަން އެކައުންޓުން ދެއްކޭނެ ގޮތް ހެދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.