ޔުނިފޯމުގައި ޓައީ އަޅުވައި ކޯޓު ލެއްވުމަކީ ދަރިވަރުންނަށް ދެވޭ އަނިޔާއެއް: ޑރ. ޙަސަން

ޔުނިފޯމުގައި ޓައީ އަޅުވައި ކޯޓު ލެއްވުމަކީ ދަރިވަރުންނަށް ދެވޭ އަނިޔާއެއް: ޑރ. ޙަސަން

Author
ޙަސަން މުޙައްމަދު
04 ޖެނުއަރީ 2026 10:58
0

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯމުގައި ކަރު ބެދޭ ހެން ޓައީއާއި ކޯޓު ފަޓުލޫނު އެޅުވަން ޖެހޭ ގޮތް ހެދުމަކީ ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ އަންނަ އަހަރުން އަމަލުކުރާ އާ ޔުނިފޯމު އުސޫލުގައި، ކީސްޓޭޖް ފަހެއްގެ ދަރިވަރުންނަށް ޓައީ އަޅަން ލާޒިމްކޮށްފައިވާއިރު، އެހެން ސްކޫލްތަކަށް ޓައީ އަޅުވުމުގެ އިޚްތިޔާރު ވަނީ ދީފައެވެ. އެކަމަކު، އަމިއްލަ ބްލޮގުގައި ލިޔުއްވަމުން ޑރ. ޙަސަން ފާހަގަކުރެއްވީ ރާއްޖެއަކީ ހޫނު އަދި ތެތްކަން ބޮޑު ޤައުމަކަށްވާއިރު، ދަރިވަރުންގެ ޔުނިފޯމު މާހައުލާ ގުޅެން ޖެހޭ ކަމަށެވެ. ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ކޯޓު ލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެއް ކަމަށާއި، މިގޮތަށް ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެކުދީންނަށް ދެވޭ އަނިޔާއެއް ކަމަށް އޭނާ ލިޔުއްވިއެވެ.

ޑރ. ޙަސަން ހާމަކުރެއްވި ގޮތުގައި، އާ އުސޫލަކީ މައިގަނޑުގޮތެއްގައި އެދެވޭ އިސްލާހެއް ނަމަވެސް، އެ އުސޫލުގައި މައްސަލަތަކެއް އެބަހުރިއެވެ. ޔުނިފޯމާއެކު ޓައީ އަޅުވަން ޖެހުމުން ޚަރަދު ބޮޑުވާނެކަމަށާއި، ދަރިވަރުން ދާހިއްލައި ކިޔެވުމަށް ސަމާލުކަން ދޭ ދިނުން ކުޑަވެގެން ދާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި ކުލާސްރޫމްތައް އޭސީކުރަން ދާ ޚަރަދު ބޮޑުވާނެ ކަމަށް ވެސް އޭނާ ލިޔުއްވިއެވެ. ޔުނިފޯމު ވާންވާނީ ދަރިވަރުންނަށް ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭ ގޮތަށް ގަޔަށް ފަސޭހަ ޔުނިފޯމަކަށް ކަމަށާއި، އަގުހެޔޮ ގޮތަކަށް ލިބޭނެ އެއްޗަކަށް ވާން ޖެހޭ ކަމަށް ވެސް ޑރ. ޙަސަން ލިޔުއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.