ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ގެންދިޔަ ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހުމަދު ނިމާލް، އޭޑީކޭ ހޮސްޕިޓަލުން އައިޖީއެމްއެޗަށް މިއަދު ބަދަލުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ސްޓްރޯކެއް ޖެހިގެން އޭޑީކޭއަށް ގެންދިޔަ ނިމާލް، އައިޖީއެމްއެޗަށް ބަދަލުކުރަންދެން އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔައެވެ. އެހެންނަމަވެސް އޭނާގެ ހާލު މިހާރު ވެސް ސީރިއަސް ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
އުމުރުން 62 އަހަރުގެ ނިމާލަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ މުހިއްމު ޝަޚްޞިއްޔަތެކެވެ. އޭނާއަކީ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ މަގުބޫލު ފިލްމުތަކުގެ ޑައިރެކްޓަރަކީ ވެސް އޭނާއެވެ.
އެކްޓަރެއްގެ ގޮތުން ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ ގިނަ ވަރުގަދަ ފިލްމުތަކުގައި އޭނާ ފެނިފައިވެއެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ރިލީޒްކުރި ލޯބިވެވިއްޖެ ފިލްމުގައި އޭނާ މަގުބޫލު ރޯލެއް ކުޅެފައިވެއެވެ. އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު ޖުމައްޔިލް އަކީ މިހާރު މަގުބޫލު ފަންނާނެކެވެ.
ކޮމެންޓު ފޮނުވާ