މެލޭޝިއާގެ ޕުތުރަޖާޔާގައި ބޭއްވި ސުޕަ ކިޑްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ރޭހުން ރާއްޖޭގެ އުމުރުން 16 އަހަރުގެ ހަސަން ޔުއާބު އިއްސާގް ދެވަނަ ހާސިލް ކޮށްފިއެވެ. ނަސީރު ސްޕޯޓްސް އެކަޑަމީގައި ތަމްރީނު ހަދާ ޔުއާބު މި ކާމިޔާބު ހޯދީ 11.697 ސިކުންތުގެ ވަގުތުކޮޅަކަށް ރޭސް ނިންމައިގެންނެވެ. އެއްވަނަ ހޯދީ މެލޭޝިއާގެ އައިދިން ހައިޒިރިއަލް ބިން އިޝާމުއްދީންއެވެ. ތިންވަނަ ހޯދީ އެ ގައުމުގެ އަމަރު އަމާންއަށެވެ.
ނަސީރު ބުނި ގޮތުގައި އޭނާއަށް ޔުއާބު އެނގުނީ ޣިޔާސުއްދީން ސްކޫލުން އިންޓަސްކޫލް މުބާރާތަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރެއްގަ އެވެ. އެ ވަގުތު ފުޓްބޯޅަ ވެސް ކުޅޭ ޔުއާބުގެ ފިޒީކަށް ބެލުމުން ސްޕްރިންޓް ރޭސްތަކުގައި ކުރިއަށް ދެވިދާނެ ކަމަށް ނަސީރު ގަބޫލުކުރިއެވެ. ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕްގައި ވެސް އޭނާ ދެއްކި ކުރިއެރުންތަކުން އެ ގަބޫލު ކަށަވަރުވި އެވެ. ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ސްޕްރިންޓާއި މެދުރާސްތާ އިވެންޓްތަކަށް އިސްކަން ދޭތީ ވެސް ޔުއާބުއަށް ސްޕްރިންޓުން ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ނަސީރު ދެކެއެވެ.
މިހާރު ޔުއާބާއި އެކަޑަމީގެ އެހެން ބައެއް ދުވުންތެރިން ތިބީ މެލޭޝިއާގެ ޕެރަކް ސިޓީގައި ހުންނަ އުޕްސީ ޔުނިވަސިޓީގެ ޓްރޭނިން ކޭމްޕެއްގަ އެވެ. މި މަހު ތައިލެންޑްގައި ބޭއްވި ސީ ގޭމްސްގައި 100 މީޓަރުން ލޯ މެޑަލް ހޯދި މެލޭޝިއާގެ 18 އަހަރުގެ ދާނިޝް އިފްތިހާރުއާ އެކު ތަމްރީނު ހެދުމުގެ ފުރުސަތު ވެސް އެ ކުދިންނަށް ލިބިފައިވާ ކަމަށް ނަސީރު ބުންޏެވެ.
ކޮމެންޓު ފޮނުވާ