ރާއްޖޭގައި މިހާތަނަށް އިއްވުނު އެންމެ ދިގު ޖަލު ހުކުމާއެކު، ކޭޕާކު މަންޑޭއަށް 397 އަހަރަށް ޖަލަށް

ރާއްޖޭގައި މިހާތަނަށް އިއްވުނު އެންމެ ދިގު ޖަލު ހުކުމާއެކު، ކޭޕާކު މަންޑޭއަށް 397 އަހަރަށް ޖަލަށް

Author
ހުސައިން
31 ޑިސެމްބަރ 2025 12:41
0

ކޭޕާކު ރެސިޑެންސްގެ ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު 397 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އިއްވާފައިވާ އެންމެ ދިގު ޖަލު ހުކުމެވެ.

މަންޑޭގެ މައްޗަށް ޓެކުމުގެ 46 ދައުވާ، އޮޅުވާލުމުގެ 44 ދައުވާ، ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ އަދި މަނީ ލޯންޑްރިންގެ 1 ދައުވާގެ ތެރެއިން ޖުމްލަ 94 ދައުވާ ކޯޓުގައި ސާބިތުވިއެވެ. ޓެކުމުގެ ކޮންމެ ދައުވާއަކަށް 8 އަހަރުގެ ރޭޓުން 368 އަހަރާއި، އޮޅުވާލުމުގެ ކުށުގައި 14 އަހަރާއި، މަނީ ލޯންޑްރިންގައި 15 އަހަރާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގައި 2 އަހަރުގެ ޖަލު ހުކުމް އިއްވުމުން މިއީ 397 އަހަރަށް ވާ އަދަބެކެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ މަންޑޭ ކުށްކޮށްފައިވާ ގޮތުން އަދަބު މަތިކުރަންޖެހޭ ހާލަތްތަކެއް ހުރިކަމަށާއި އެހެން މީހުންނަށް އިބުރަތަކަށްވާނެ ފަދަ އަދަބެއް ދޭންޖެހޭ ކަމަށެވެ. ޖަލު ހުކުމާއެކު މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރިއެވެ.

ހަންބޯ ކުންފުނިން ބުނެފައިވަނީ ކޭޕާކުގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތުން ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން އެކި މީހުންނަށް ފުލެޓުތައް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް މަންޑޭއަށް ތުހުމަތުކުރެވުނެވެ. ތަހުގީގުގައި މަންޑޭގެ ޕެންޓްހައުސްގައި ހުރި މުދަލުގެ އަގު ބަލާފައިވަނީ ގާތްގަނޑަކަށް 15 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.