ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްވައިޕް" އާންމުކޮށް ހުޅުވާލުމުގެ ކުރިން ބީޓާ ޓެސްޓިން މަރުހަލާ މިހާރު ކުރިއަށްދާއިރު، އަންނަ މަހު މި ހިދުމަތް ރަސްމީކޮށް ފަށަން ނިންމައިފިއެވެ. ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްގެން މިހާރު ކުރިއަށްދާ ޓެސްޓިންއަކީ ހިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް އެ ބޭންކުން ބުނެއެވެ.
އަންނަ މަހު ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށާއިރު، ކަސްޓަމަރުންނަށް ވެސް ސްވައިޕް އާންމުކޮށް ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ކުރާ މުއާމަލާތްތަކުގައި ފައިސާ ވަގުތުން ފޮނުވުމާއި ލިބުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު ކާމިޔާބުކަމާއެކު ތައާރަފުކުރި މި ހިދުމަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ކުންފުނިތަކާއި ގުޅިގެން ބޭރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ދިވެހިންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި ދިވެހިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ވެސް ހަމަޖެހިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ. ދުނިޔޭގެ ކޮންމެ ބޭންކެއްގެ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެކަމަށާއި މި ވޮލެޓު ތަރައްގީކޮށްފައިވަނީ ޒަމާނީ ސަލާމަތީ ފިޔަވަޅުތަކާއި ބައިނަލްއަގުވާމީ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ