އާ އަހަރު ފާހަގަކުރުމަށް މާދަމާ އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ތިން ދުވަހަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވިޒިޓް މޯލްޑިވްސް އިން ނިންމައިފި އެވެ. މާދަމާ ހަވީރު 4 އިން 6 އަށް ކުޑަކުދިންގެ ހަވީރަކުން ފެށޭ މި ހަރަކާތުގައި ކުޑަކުދިންނަށް ޚާއްސަ ކުޅިވަރު، ގޭމިން އާކޭޑް އަދި ފުލުހުންގެ ސްޓޯލެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މާދަމާ ރޭގައި ކާބޯތަކެތި އަދި އެހެނިހެން ތަކެތި ވިއްކުމަށް ސްޓޯލްތައް ހުޅުވާފައި ހުންނާނެ އެވެ. މީގެ އިތުރުން ސިމްބޮލިކް ރެކޯޑްސް އަދި ޓޫ އޮފް އަސް ފަދަ ބޭންޑްތަކުގެ މިއުޒިކް ޝޯއެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ. 2026 ވަނަ އަހަރު މަރުހަބާ ކިޔުމަށް ބުދަ ދުވަހު ހަވީރާއި ރޭގަނޑު ކުޑަކުދިންނާއި ބޮޑުން ބައިވެރިވެވޭނެ ގޮތަށް ތަފާތު ހަރަކާތްތައް ރާވާފައިވެ އެވެ. މީގެ ތެރޭގައި ޑްރޯން ހަރަކާތްތަކާއި ހަވާ އެރުވުން ހިމެނެ އެވެ. ބުރާސްފަތި ދުވަހު ވެސް ފުޑް ސްޓޯލްތަކާއެކު ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދަން ވިޒިޓް މޯލްޑިވްސް އިން ހަމަޖައްސާފައި ވެއެވެ.
ކޮމެންޓު ފޮނުވާ