ޗައިނާއަކީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ ބުރައިގެ ސަބަބު ނޫން ކަމަށާއި، ޗައިނާގެ އެހީގައި ހިންގާފައިވާ މަޝްރޫއުތަކުން ލިބޭ އާމްދަނީއަކުން ލޯނުތައް ދެއްކޭނެ ކަމަށް ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ. "ސަން"ގެ ޑިޕްލޮމެޓިކް ފޯކަސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު މާލީ ގޮތުން އޮތް ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމެއް ކަމަށެވެ.
ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އެތައް ހާސް ހައުސިން ޔުނިޓުގެ މަސައްކަތް ޗައިނާގެ އެހީގައި ނިންމާފައިވާއިރު، މި މަޝްރޫއުތަކުން ލިބޭ ފައިސާއަކީ ލޯނުތައް ދެއްކޭނެ މިންވަރެއް ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖެއަށް މި ވަގުތު ދިމާވެފައިވާ މާލީ ދަތިތަކަކީ ކޮވިޑުގެ ސަބަބުން ލިބުނު ޝޮކާއި، ބައެއް މަޝްރޫއުތައް ނުނިމި ލަސްވުމުން އެކަށީގެންވާ ފައިދާ ނުލިބޭތީ ކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށާއި، ދެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ދަރަނި އަނބުރާ ދެއްކުމުގައި ލުއިކޮށްދޭން "ޑެޓް ރީއެރޭންޖްމަންޓް ޕްލޭން" އެއް ނިންމާފައިވާ ކަމަށް ސަފީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން ޗައިނާގެ ހިލޭ އެހީގެ ދަށުން އާ މަޝްރޫއުތައް ހިންގައިދޭން އިއުލާނުކޮށްފައިވާ ކަމަށާއި، ޗައިނާގެ ޑައިރެކްޓް އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. މިދިޔަ ހަފުތާގައި ޗައިނާއިން ވަނީ ރާއްޖޭގެ މުހިއްމު ތިން މަޝްރޫއަށް 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފައެވެ.
ކޮމެންޓު ފޮނުވާ