ކޭ-ޕާކު ފްލެޓް ވިއްކުމުގައި އެތައް ބަޔަކަށް މަކަރު ހެދި މައްސަލާގައި ހަސަން މަމްދޫހް (މަންޑޭ) ގެ މައްޗަށް ދައުލަތުން އުފުލި 104 ދައުވާގެ ތެރެއިން 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުކުމް ކުރުމަށް ތާވަލުކުރި ނަމަވެސް މަމްދޫހް ހާޒިރުނުވުމުން އެ ދުވަހުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނެވެ. މިއަދުގެ އަޑުއެހުމަށް މަމްދޫހް ހާޒިރުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
ގާޒީ އަލީ ނަދީމް ނިންމެވީ މަމްދޫހްގެ މައްޗަށް ޓެކުމުގެ 46 ދައުވާއާއި، އޮޅުވާލުމުގެ 44 ދައުވާއާއި، މަނީ ލޯންޑްރިންގެ ދައުވާއާއި، ސައްހަ ނޫން ލިޔުން ދިނުމުގެ 3 ދައުވާ ސާބިތުވާ ކަމަށެވެ. މި ކުށުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ޖައިޝާން ސައީދުގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައެޅުމާއި ގޮތް ނުނިންމާ ހުރި ދައުވާތަކާ މެދު ގޮތެއް ނިންމުމަށް އަންނަ އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވާނެއެވެ.
ކޮމެންޓު ފޮނުވާ