ތުޅާދޫއާއި މީދޫގެ ރައްޔިތުންގެ ގުޅުން ފެށުމުގެ މައި އަސްލަކީ އިސްލާމްދީން ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތާރީޚާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މި ދެ ރަށުގެ ރައްޔިތުން ބޭއްވި އެއްބައިވަންތަކަމުގެ އަތުގުޅާލުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސުނާމީ އެރި ދުވަސް ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ އެ ދުވަހު ދިވެހިން ދެއްކި ނަމޫނާ އެހީތެރިކަމާއި މަދަދުވެރިކަން ފާހަގަކުރުމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އާދަޔާ ޚިލާފު މަތިވެރި ގޮތެއްގައި ތުޅާދޫއާއި މީދޫގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަކީ ހަނދާނުގައި ބާއްވަން ޖެހޭ ކަމެކެވެ.
ދިވެހިންނަކީ ޚާއްސަ ސަޤާފަތެއް ލިބިފައިވާ ބައެއް ކަމަށް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ދިވެހިވަންތަ ސަޤާފަތުގެ މަގަކީ އިސްލާމްދީން ކަމަށެވެ. ތުޅާދޫއާއި މީދޫގެ ގުޅުން ފެށުނީވެސް އިސްލާމީ އަޚްވަންތަކަމުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ތުޅާދޫ ރައްޔިތުން މީދޫ މިސްކިތް ބިނާކުރުމަށް ކުރި މަސައްކަތުގެ ތެރެއިން އިސްލާމީ އަޚްވަންތަކަން އިތުރަށް ތަރައްޤީވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިސްކިތުގެ ތަނބުތަކުގައި ހުރި ހަރުދަނާކަން މިއަދުވެސް މި ދެ ރަށުގެ ރައްޔިތުންގެ ގުޅުމުގައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤައުމިއްޔަތު އިއާދަކުރުމުގެ ސިޔާސަތުގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫއެއް ފަށައިގެން ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރިއަށް ދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިންގެ ތެރޭގައި އަޚްވަންތަކަން އަލުން ދިރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ