މި އަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. މީދޫގެ 315 މީހުންގެ ބޮޑު ޓީމެއް ބ. ތުޅާދަށް މިއަދު ވަޑައިގެންފިއެވެ. މީދޫ ކައުންސިލުން އިސްނަގައިގެން ކުރި މި ދަތުރުގައި ގިނަ ހަރަކާތްތައް ރާވާފައިވެއެވެ.
ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވީ މިއީ ދެ ރަށުގެ ގާތް ގުޅުމުގެ އާ ފެށުމަކަށް ކުރާ ދަތުރެއް ކަމަށެވެ. ރަހުމަތްތެރިކަމުގެ މި ދަތުރުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނަކަށް ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވަނީ ތުޅާދަށް ވަޑައިގެންފައެވެ.
މިއަދު ހަވީރު ދެ ރަށުގެ ޓީމަކުން ފުޓްބޯޅަ މެޗެއް ކުޅެފައިވާއިރު، މިރޭ ބޮޑު ޖާފަތެއް ބާއްވައި، މާދަމާ މެންދުރު ފަހު ފަތިސް ނަމާދުކޮށް ރަށުގެ އެކި ހިސާބުތަކުގައި 500 ގަސް އިންދަން ހަމަޖެހިފައިވެއެވެ. އޭގެ ފަހު ސުނާމީ އެރި ވަގުތު ހެނދުނު 9:23 ގައި އަތުގުޅާލުމުގެ ހަރަކާތެއް އޮންނާނެއެވެ.
މީދޫ އާއި ތުޅާދޫގެ ޒަމާންވީ ގުޅުން ފެށުނީ 200-300 ވަރަކަށް އަހަރު ކުރިން މީދޫ ހުކުރު މިސްކިތުގެ މަސައްކަތަށް ތުޅާދޫ މީހުންގެ އެހީ ލިބުނު ހިސާބުންނެވެ. ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ މިސްކިތުގެ ތަނބުތައް ޑިޒައިންކޮށްދިނުމުގެ އަގު ދޭން އުޅުމުން ތުޅާދޫ މީހުން އެކަމާ ދެކޮޅު ހެދި ބަދަލުގައި ރަހުމަތްތެރިކަން އެދުނު ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެއެވެ. މީދޫގެ ޓީމު ފުރަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު ފަހުއެވެ.
ކޮމެންޓު ފޮނުވާ