ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން 'ވެސަލް ފައިނޭންސިން' ގެ ނަމުގައި އައު ފައިނޭންސިން ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފިއެވެ.
މި ފައިނޭންސިންގެ ދަށުން ފަސް މިލިއަން ރުފިޔާއާ ހަމައަށް ލިބިގެންދާއިރު، އަނބުރާ ދެއްކުމަށް 10 އަހަރާ ހަމައަށް މުއްދަތު ލިބޭނެއެވެ. މި މުއްދަތުގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނޭނެއެވެ. މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރު ބަނުމަށާއި، ގަތުމަށް، އަދި އިންޖީނު އެޅުމާއި މަރާމާތުގެ މަސައްކަތްތަކަށް މި ފައިނޭންސިން މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާލެވިފައިވާ މުހިންމު މަގެއް ކަމަށެވެ. މި ފައިނޭންސިންގެ މެދުވެރިކޮށް ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބަދުރު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގްތިސާދު ހަރުދަނާކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ އެކުންފުނީގެ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ. މި ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ