ދިވެހިރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅޭ، ވަޒީފާއެއް ނެތް ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ހިންގަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވާ ބިދޭސީންނަށް ލީގަލައިޒް ވުމުގެ ފުރުސަތު އަންނަ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލް ދެވަނަ ދުވަހާ ހަމައަށް ހުޅުވާލާނެއެވެ.
މި ޕްރޮގްރާމަކީ ވޯކް ޕާމިޓް ނެތި ނުވަތަ މުއްދަތު ހަމަވެފައިވާ ލިޔުންތަކާއެކު، އަދި ކާކުކަން އަންގައިދޭ ސައްހަ ލިޔުންތަކެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ މަސައްކަތެކެވެ. ހޯމް މިނިސްޓްރީން ބުނީ ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ، ވަޒީފާދޭ ފަރާތެއް ނެތް ބިދޭސީން މި ފުރުސަތަށް އެދި ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިނިސްޓްރީން އެކުލަވާލާ ދަފްތަރުން ވަޒީފާއަށް ބިދޭސީން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމްތައް މިނިސްޓްރީން ހަމަޖައްސައިދޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ވަޒީފާ އަދާކުރުމުގެ ހުއްދައަކާއެކު ރާއްޖެ އެތެރެވެފައިވާ، މިވަގުތު ރާއްޖޭގައި ހުރި، ބްލެކްލިސްޓްކޮށްފައި ނުވާ، އަދި ކުރިން ލީގަލައިޒް ނުވެފައިވާ ބިދޭސީންނަށެވެ. މީގެ އިތުރުން، ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް މި މަހުގެ ތިރީސް އެކެއްވަނަ ދުވަހުގެ ކުރިން ރިޕޯޓް ކޮށްފައިވާ ބިދޭސީން މި ޕްރޮގްރާމަށް ހިމެނޭކަށް ނެތެވެ.
ކޮމެންޓު ފޮނުވާ