އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަށަވަރުކުރުމަށް ބާއްވާ ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ތެރޭގައި ކައުންސިލް މެންބަރުންނަށް 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް 47 ކެންޑިޑޭޓުން ހިމެނެއެވެ. އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް 48 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް 19 ކެންޑިޑޭޓުންނާއި މެންބަރުންނަށް 98 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
ޕީއެންސީން އައްޑޫ ސިޓީ މޭޔަރު ހޮވުމަށް ޕްރައިމަރީ ބާއްވަނީ އެންމެ ދާއިރާއަކަށް ވާއިރު، އެ މަޤާމަށް ދެ ކެންޑިޑޭޓުން ވާދަކުރެއެވެ. މި މަހުގެ ފުރަތަމަ ދުވަހު ހުޅުވާލި ޕްރައިމަރީއަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ވަނީ ލިބިފައެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓާއި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން މިހާރު ވަނީ އާންމުކޮށްފައެވެ. ޕްރައިމަރީއާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ޚާއްސަ ނަންބަރެއް ވެސް ޕީއެންސީން ވަނީ ޢާންމުކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މިހާތަނަށް ޕްރައިމަރީ ބާއްވާ ތާރީޚު އިއުލާންކޮށްފައިވަނީ ޕީއެންސީ އާއި އެމްޑީޕީއިންނެވެ.
ކޮމެންޓު ފޮނުވާ