ޕީއެންއެފްގެ ތާއީދާއެކު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެފައިވަނީ މޭޔަރުކަމަށް ވާދަކުރެއްވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލަފާ ހޯއްދަވާފައި ނުވާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީއެންއެފްގެ ތާއީދާއެކު ޒަރިޔަންދު ވާދަކުރައްވާއިރު، ނަޝީދު އެމްޑީޕީގެ މާލޭގެ މޭޔަރު ޕްރައިމަރީގައި އަލީ އާޒިމަށް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. އަޑު ފެތުރެމުންދާގޮތުގައި ޒަރިޔަންދު ނުކުތީ އެމްޑީޕީގެ ޕްރައިމަރީން އާޒިމް ބަލިވެއްޖެ ހާލަތަކަށް ވިސްނާފައި ނަޝީދު އާއި ޔާމީން އަދި ޒަރިޔަންދު ވާހަކަ ދައްކަވައިގެން ކަމަށެވެ.
ޗެނަލް 13 ގެ ނިއުސްޓޯކްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ނަޝީދާއެކު ދުވަހަކު ވެސް ގާތް ގުޅުމެއް ނެތް ކަމަށާއި، އެމަނިކުފާނާ އެންމެ ފަހުން ވާހަކަ ދެއްކެވީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ކަމަށެވެ. އަދި ޑިމޮކްރެޓްސްއަށް ވެސް ގުޅުނީ ނަޝީދަށް ދިން ބޮމުގެ މައްސަލަ ތަހުގީގު ކުރުމުގައި އޭރުގެ ސަރުކާރުން އިހުމާލުވެފައިވާތީ އަމިއްލައަށް ވަންނަން ބޭނުންވެގެން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ