މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކުރިއަށް އޮތް ދެމަސް ތެރޭގައި ޖަލުތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލެ ޖަލަށާއި ހިންމަފުށީ ޖަލަށް އެކި 70 ޖާގަ އިތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޒަރީރު ވިދާޅުވީ މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްސީއެސްއިން ޖަލުތަކަށް ޖުމްލަ 124 ޖާގަ އިތުރުކޮށްފައިވާކަމަށެވެ. މިހާރުވެސް އިތުރު ޖާގަ ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖަލުތަކުގެ ޖާގަ ބޮޑުވުމުން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްވެސް ފަސޭހަވެގެންދާނެކަމަށް ޒަރީރު ލަފާކުރެއްވިއެވެ. ޖާގަ އިތުރުވުމުން ދުވާލަކު 50 މީހުން ޙާޒިރު ކޮށްގެން ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެކަމަށް އުންމީދު ކުރައްވާކަމަށާއި މިހާރުވެސް ދުވާލަކު 50 އާއި 70 އާ ދެމެދުގެ އަދަދަކަށް އޮންލައިންކޮށް ޝަރީޢަތްތައް ބާއްވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މި ޖާގަތަކާއެކު ޖަލުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ