ކުށުގެ ވެށީގައި ކުދިން ގިނަވުމަކީ ބޮޑު ކަންބޮޑުވުމެއް: ސީޕީ

ކުށުގެ ވެށީގައި ކުދިން ގިނަވުމަކީ ބޮޑު ކަންބޮޑުވުމެއް: ސީޕީ

Author
އަހުމަދު
19 ޑިސެމްބަރ 2025 10:46
0

ފުލުހުން މަގުމަތީގައި ޕެޓްރޯލް ކުރަމުންދާއިރު، ކުށްކުރާ ގްރޫޕްތައް އެއްވެ އުޅޭ ސަރަހައްދުތަކުން މިހާރު އެންމެ ގިނައިން ފެންނަމުންދަނީ ކުޑަކުދިން ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ކުށުގެ ވެށީގައި ކުރިން އުޅުނު މީހުންނަށް ވުރެ މިހާރު ބޮޑަށް ފެންނަމުންދަނީ އައު މޫނުތައް ކަމަށާއި، އެ ތެރޭގައި ގިނައީ 17 އަހަރާއި 18 އަހަރުގެ ކުދިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ހެދި ކުދިން ވެސް ގްރޫޕްތައް އެއްވާ ހިސާބުތަކުން މިހާރު ފެންނަކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މިވަގުތު މި ކުދިންނަކީ އެއްވެސް ކުށެއް ނުކުރާތީ ނަސޭހަތް ދީފައި ފޮނުވާލާ ކުދިންނަށް ވިޔަސް، ކުރިއަށް އޮތް ތަނުގައި އެ ކުދިން ކުށުގެ ތެރެއަށް ވަދެގެން ދާނެ ކަމުގެ ބިރު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި ނުރައްކާތެރި ހާލަތުން ކުދިން ސަލާމަތްކުރަން ބެލެނިވެރިން މަސައްކަތް ކުރުމަށް ވެސް ނަވީން އެދިވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކުށުގެ މާހައުލުގައި އުޅެމުންދާ 220 ކުދިންނަށް މިވަގުތު ފަރުވާގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ކުށުގެ މާހައުލަށް ވަދެދާނެ ކަމުގެ ބިރު އޮތް 162 ކުދިންނަށް ވެސް ހިދުމަތް ދެމުން ގެންދާ ކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.