ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ފޭސް ދޭގައި ދެ އާ އޭޓީއެމް ސެންޓަރު ހުޅުވައިފިއެވެ. ހިޔާ ޓަވަރުގެ ހަޔަކާއި ހަތަކާ ދެމެދު އޮންނަ ޕާކިން ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް، ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި ރުފިޔާއާއި ޑޮލަރު އޭޓީއެމް ސެންޓަރެއް ހުޅުވާއިފިއެވެ.
މި ޚިދުމަތްތައް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުޙައްމަދު ސަޢީދާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ މުޙައްމަދު ޝަރީފާއި ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަރީފު ވިދާޅުވީ ކުރިއަރަމުން އަންނަ ހުޅުމާލެ ފޭސް ދޭގައި މި ސެންޓަރުތައް ގާއިމުކުރީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ފަސޭހައިން މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒުކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ބޭންކުން ދޭ އިސްކަން ކަމަށް އޭނާ ވިދާޅުވިއެވެ.
ފޭސް ދޭގައި މިހާރު ބީއެމްއެލްގެ ބްރާންޗެއް، ހަތަރު ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ސެންޓަރާއި ފޭސް ދޭގައި ސެލްފް ސަރވިސް ބޭންކިން ސެންޓަރެއް އޮތުމާއެކު، އަލަށް ގާއިމުކުރި ދެ ސެންޓަރާއެކު މި ސަރަޙައްދުގައި ފުރިހަމަ ބޭންކިން ޚިދުމަތް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ރެނާޓަސް އިތާމުއި އިމާރާތުގައިވެސް ޑޮލަރު އޭޓީއެމް ޚިދުމަތް ދެމުން އަންނަ ކަމަށް ބޭންކުން ބުނެއެވެ.
ރާއްޖޭގެ 20 އަތޮޅުގައި 42 ބްރާންޗާއި 267 އޭޓީއެމްގެ އިތުރުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ސެންޓަރުތަކާއި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުން އަންނަ ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށާއި ކޮންމެ ކަންކޮޅެއްގައިވާ މުޖުތަމައުތަކަށް އެހީތެރިވުން ކަމަށް ބޭންކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ