މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމާލެ ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މި ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. ސައިޓް އޭ އިން 137.5 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 23 ހެކްޓަރު ހިއްކާ ނިމިފައިވާ ކަމަށް އެމްއޭސީއެލުން ހާމަކޮށްފައިވެ އެވެ. މިއީ މުޅި މަޝްރޫއުގެ 17 ޕަސެންޓެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިފައިވަނީ 2023 ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. މުޅި ރަސްމާލެއިން 1,009 ހެކްޓަރުގެ ބިން ހިއްކައި ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރާވާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި މި މަސައްކަތް އަންނަ އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން 25،000 ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. މި ރަށުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދެއް ކަމުގައިވެ އެވެ.
ކޮމެންޓު ފޮނުވާ