ސިވިލް ސޮސައިޓީ އެވޯޑު 2025 7 ޖަމިއްޔާއަކަށް

ސިވިލް ސޮސައިޓީ އެވޯޑު 2025 7 ޖަމިއްޔާއަކަށް

Author
އަހުމަދު
18 ޑިސެމްބަރ 2025 09:48
0

ރާއްޖޭގެ ރަށުފެންވަރުގައާއި ގައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއިން މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑު 7 ޖަމިއްޔާއަކަށް ދީފިއެވެ. ޔޫތު ހަބްގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި އެވޯޑުތައް ހަވާލުކޮށް ދެއްވީ ވަޒީރު އިބްރާހިމް ވަހީދު އަސްވާޑުއެވެ.

އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑު ހާސިލްކުރީ ވިމެން އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް ތިނަދޫއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން ކެއާ ސޮސައިޓީއަށް މި އެވޯޑު ލިބުނެވެ. ތަޢުލީމީ ދާއިރާއިން ތުޅާދޫ ސިލްވަރ ޝައިން ކްލަބަށާއި، ދިވެހިންގެ ޘަގާފަތާއި ދިވެހިބަސް ދިރުވުމުގެ ދާއިރާއިން ޝާއިރުންގެ ވާދީއަށް އެވޯޑު ލިބިއްޖެއެވެ. ތިމާވެށީގެ ދާއިރާއިން ކްލީން މޯލްޑިވްސްއަށާއި، ޞިއްޙީ ދާއިރާއިން އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށާއި، މަސްތުވާތަކެތިން މުޖްތަމަޢު ރައްކާތެރިކުރުމުގެ ދާއިރާއިން ގިރިންދާއަށް އެވޯޑު ލިބުނެވެ.

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްވާޑު ވިދާޅުވީ 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަންކުރައްވާނެ ކަމަށެވެ. ވަޒީރު ވަނީ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ ވުޒާރާއިން އިސްކަމެއް ދެއްވާނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.