ސައުދީ އެމްބަސީގެ ފުރާޅަށް އެރި ޒުވާނަކު ފަސްދުވަހަށް ބަންދުކޮށްފި

ސައުދީ އެމްބަސީގެ ފުރާޅަށް އެރި ޒުވާނަކު ފަސްދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
17 ޑިސެމްބަރ 2025 12:31
0

ސައުދީ އަރަބިއްޔާގެ އެމްބަސީއާ ގުޅޭ އިމާރާތެއްގެ ފުރާޅަށް އަރައި ފޮޓޯ ނެގި 19 އަހަރުގެ ޒުވާނަކު ފަސްދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ދެ ޒުވާނުންނާއި 17 އަހަރުގެ ފިރިހެންކުއްޖަކު ހައްޔަރުކުރި ކަމަށް ސޯޝަލް މީޑިއާގައި މައުލޫމާތު ދައުރުވިއެވެ.

ކޯޓު އަމުރުގައި ބުނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެކިންގެ ބަޔާނާއި ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި ސީޓީވީ ފުޓޭޖާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ހިމެނެއެވެ. ކޯޓުގައި އެ ޒުވާނާ ބުނީ އެ ތަނަށް އަރާއިރު އެއީ ސައުދީ އެމްބަސީކަން ނޭނގޭ ކަމަށާއި އެފަދަ ނިޝާނެއް ވެސް ނުފެނުނު ކަމަށެވެ. މީގެ ކުރިން އެހެން މީހުން އެ ތަނުން ފޮޓޯއާއި ވީޑިއޯ ނެގި ތަންފެނުމުން އޭނާ ވެސް އެ ތަނަށް އަރައިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ފުރާޅުމައްޗަށް އަރައިގެން ހުރިއިރު މީހުން ބަލައިހެދުމުން އެއީ ރަނގަޅު ކަމެއް ނޫންކަން އިހުސާސްވެގެން 10 މިނެޓު ތެރޭގައި ފައިބައިގެން ގޮސްފައިވާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ. މީގެ ކުރިން އެފަދަ ކަމެއް ކޮށްފައި ނުވާ ކަމަށާއި މި ކަމަށް މާފަށް އެދޭ ކަމަށް އޭނާ ބުނެފައިވެއެވެ. ކޯޓު އަމުރުގައި ވަނީ އޭނާއަކީ ބަންދު ނުވަތަ ހައްޔަރުގެ ރިކޯޑެއް ވެސް އޮތް މީހެއް ނޫންކަމަށް ފާހަގަކޮށް، އެކަމަކު އޭނާގެ ބަންދަށް ފަސްދުވަސް ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.