ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން މަސްވެރިންގެ ދުވަހު ކުރި މުޒާހަރާއިން ހައްޔަރު ކުރި މަސްވެރިން ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ. ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މުހައްމަދު ސާދިގް (ޖެރީ)، އަބްދުލް ލަތީފު އަހުމަދު އަދި މުހައްމަދު މުސްތަފާ ވަގުތުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ. އެއްވެ، އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި މަސްވެރިން ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު، ރައީސް އޮފީހާ ދިމާލުން 49 ދޯންޏަކުން ގުޅިގެން 24 ގަޑިއިރަށް އިހްތިޖާޖު ކުރަމުންދިޔަ އިރުއެވެ. ކޯސްޓުގާޑުގެ އުޅަނދުތަކާއި ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށްގެން ދޯނިތަކަށް އަރައި، ދިވެހި މަސްވެރިންނާ އެކު ހަތަރު ބިދޭސީން ވެސް ހައްޔަރު ކޮށްފައިވެއެވެ.
ބީކޭއެމްޔޫއިން ވެސް ވަނީ ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ