ބާޒާރުމަތީ އެއްގަމު ތޮށި ތަރައްޤީކުރުމުގެ މަސައްކަތްތައް ފެށުމަށްޓަކައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ވަގުތީގޮތުން އެމްއެމްއޭ ސަރަޙައްދަށް ބަދަލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަންގައިފިއެވެ. މި ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށްފަހު، ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް މި މަހުގެ 20ވަނަ ދުވަހު ފަށާނެއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ފަޅުތެރެ ތިން ބަޔަކަށް ބަހާލައިގެން ހުސްކުރާނެއެވެ. ފުރަތަމަ ހުސްކުރުމަށް އަންގާފައި ވަނީ މަސް މާރުކޭޓުން ފެށިގެން 100 މީޓަރުގެ ސަރަޙައްދެވެ. މިއީ މަސް މާރުކޭޓު ކުރިމަތިން މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ ސަރަހައްދެވެ. އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަޙައްދުގައި އުޅަނދުތައް އެޅޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތް ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފަށާފައިވެއެވެ.
ކޮމެންޓު ފޮނުވާ