ޣައްޒާއަށް އެރި "ބައިރޮން" ތޫފާން ތިން ދުވަހަށްފަހު މިއަދު މައިތިރިވިއިރު، ތިން ކުޑަކުދިން ހިމެނޭގޮތަށް މަދުވެގެން 14 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުންދިޔަ ކޭމްޕްތަކުގައި ފެންބޮޑުވެ، ބޯ ވާރެއާއި ގަދަ ފިނީގެ ސަބަބުން އެތައް ބައެއް ހާލުގައި ޖެހިފައިވެއެވެ. މަރުވި ކުދިންގެ ތެރޭގައި އުމުރުން އެންމެ އަށް މަހުގެ ރަހަފު އަބޫ ޖަޒަރު ހިމެނެއެވެ. ރަހަފުގެ މަންމަ ބުނީ ހޭލެވުނުއިރު ހުރިހާ ދިމާއެއްގައި ފެންބޮޑުވެފައި ހުރިކަމަށާއި، ދަރިފުޅު މަރުވީ ގަދަ ފިނީގެ ސަބަބުން ކަމަށެވެ.
ޣައްޒާ ސަރުކާރުން ބުނާގޮތުގައި އެތައް ހާސް ހިޔާތައް ހަލާކުވެ ނެތިގެން ގޮސްފައިވާއިރު، ހާލަތު ވަރަށް ނާޒުކެވެ. އދ.އިން ވެސް ވަނީ ހިޔާވަހިކަމާއި އެހީ ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކޮށް، ފެންބޮޑުވުމާއި ބަލި ފެތުރުމުގެ ނުރައްކާ އޮތްކަން ހާމަކޮށްފައެވެ.
ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 1.5 މިލިއަން މީހުންގެ ގެދޮރު ނެތިގެން ގޮސްފައިވާތީ، މޫސުމީ ކާރިސާތަކުން ސަލާމަތްވެވޭނެ ގޮތެއް އެ މީހުންނަކަށް ނެތެވެ.
ކޮމެންޓު ފޮނުވާ