ދަރިވަރުންގެ އިޙްތިޖާޖުތަކާ ގުޅިގެން ޝެއިޚް ޙަސީނާގެ ވެރިކަން ނިމުމަކަށް އައިފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބު 2026 ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ބާއްވަން އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އޭ.އެމް.އެމް. ނާސިރުއްދީން ވިދާޅުވީ އިންތިޚާބާ އެކު ސިޔާސީ އިޞްލާޙުތަކާ ގުޅޭ ރިފަރެންޑަމެއް ވެސް ނަގާނެ ކަމަށެވެ. މި ރިފަރެންޑަމްގައި ވެރިކަމުގެ ބާރުތައް ހަނިކުރުމާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން ފަދަ ކަންކަމަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލެވޭނެއެވެ.
ނޮބެލް އިނާމު ލިބިވަޑައިގެންފައިވާ ޑރ. މުޙައްމަދު ޔޫނުސް އިސްކޮށް ހުންނެވި ވަގުތީ ސަރުކާރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، ޙަސީނާގެ އަވާމީ ލީގަށް މި އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ. ތިންސަތޭކަ ގޮނޑީގެ މި އިންތިޚާބުގައި 128 މިލިއަން މީހުންނަށް ވޯޓުލެވޭއިރު، އެންމެ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެނީ ޚާލިދާ ޒިޔާގެ ބީ.އެން.ޕީ އިންނެވެ.
ކޮމެންޓު ފޮނުވާ