ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖު ފުލުހުން ރޫޅާލުމުގެ ތެރޭގައި ހައްޔަރުކުރި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަގުތުން ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މަސްވެރިން ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރި އިހުތިޖާޖު ފުލުހުން އިއްޔެ ރޫޅާލައި، މަސްވެރިންގެ ޔޫނިއަންގެ ފައުންޑަރު އަދި ޖެނެރަލް ސެކްރެޓަރީ މައުރޫފާ އެކު އެހެން ދެ މީހަކު ހައްޔަރުކޮށްފައި ވެ އެވެ.
ރޭ ނެރުނު ބަޔާނެއްގައި އެމްޑީޕީން ބުނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ވަނިކޮށް، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. މެމްބަރު މައުރޫފް ހައްޔަރު ކޮށްފައި ވަނީ މަޖިލިސް މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށް އެ ޕާޓީން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް އިޖާބަ ނުދިން ކަމަށެވެ. ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރު ވައްދަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަރުކާރުން އިއުލާންކޮށްފައި ވަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރުމަށް ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށޭނެ ކަމަށެވެ. އަދި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ