ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތައް ނަގައި މަގުތަކަށް ފަސޭހަކަން ގެނައުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ޖުމްލަ 787 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މަސްގެ 6 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 އަދި 2 ގައި ކުރިއަށް ގެންދިޔަ މި މަސައްކަތުގައި ރަޖިސްޓަރީ ކޮށްފައިވާ ޒޯނާ ނުގުޅޭ 252 އުޅަނދާއި ރަޖިސްޓްރީ ނުކޮށް ނުވަތަ ބޯޑު ނެތް 186 އުޅަނދާއި މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދު ހިމެނެއެވެ. ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި މި އުޅަނދުތައް ހުއްޓުވާފައި އޮތުމުން މަގުތަކުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުން އައިއެވެ.
ކަމާ ގުޅުންހުރި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހުޅުމާލެ މަގުތަކަށް ފަސޭހަކަމެއް އައިސްފައިވަކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ. މި ފަސޭހަކަން ދެމެހެއްޓުމަށް ފުލުހުން ވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެ މި މަސައްކަތަށް ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ