ހަގީގީ މާނައިގައި ޖުޑިޝަރީ މިނިވަންވެއްޖެ ކަމަށާއި އަލުން ކުރަން ޖެހިފައި އޮތީ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ ސަރުކާރުން ނުވަތަ އެމަނިކުފާނު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެވޭނެ ހާލެއް ނެތް ކަމަށެވެ.
މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ސިޔާސީ ހައްޔަރީއެއް ނުހުންނާނެ ކަމަށާއި ހަގީގީ މާނައިގައި ކޯޓުތައް މިނިވަންކަމާއެކު ހިނގާނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަނީ ކަމަށް ރައީސް ވިދާޅުވިއެވެ. ޑްރަގު މައްސަލަތައް ފަދަ ކަންކަމުގައި އަވަސް ހުކުމް ނުކޮށް ލަސްވުމަކީ ވެސް ޖުޑިޝަރީ މިނިވަންވުމުގެ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރިއަށް އޮތް ތަނުގައި ގާނޫނަށް ވެސް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޖުޑިޝަރީ ހަގީގީ މާނައިގައި މިނިވަންކަމާއެކު އޮޕަރޭޓްކުރާކަން ރައްޔިތުންނަށް ފެންނަންޖެހޭ ކަމަށާއި ޖޭއެސްސީ އިސްލާހުކުރުމުން ޖުޑިޝަރީ ފުރިހަމަކަމާއެކު މިނިވަންވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިހާރު ޖޭއެސްސީގައި ފަނޑިޔާރުންނާއި މަޖިލީސް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ