ލަންކާގެ ފެންބޮޑުވުމުން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް 10 މިލިއަން ރުޕީސް ދެނީ

ލަންކާގެ ފެންބޮޑުވުމުން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް 10 މިލިއަން ރުޕީސް ދެނީ

Author
އަހުމަދު
07 ޑިސެމްބަރ 2025 09:22
0

ސްރީ ލަންކާގައި މީގެ ކުރިން ދިމާވި ބޮޑު ވިއްސާރައާއި ފެންބޮޑުވުމުގެ ކާރިސާގައި ގެދޮރު ގެއްލުނު ރައްޔިތުންނަށް އެހީވުމުގެ ގޮތުން އެގައުމުގެ ސަރުކާރުން މިހާރު ވަނީ ކޮންމެ އާއިލާއަކަށް 10 މިލިއަން ރުޕީސް (33،000 ޑޮލަރު) ދިނުމަށް ނިންމާފައެވެ. މިފައިސާއަކީ ރައްކާތެރި ތަންތަނުގައި ބިން ގަނެ އާ ގެދޮރު އެޅުމަށް ލިބޭނެ އެހީއެކެވެ. މީގެ އިތުރުން ވިއްސާރައިގައި މަރުވި ކޮންމެ މީހަކަށާއި ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވި މީހުންނަށް ވަކިން 1 މިލިއަން ރުޕީސް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި 71،000 އަށް ވުރެ ގިނަ ގެތަކަށް ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 5،000 ގެ އެއްކޮށް ހަލާކުވެފައި ވެއެވެ. މި ހާދިސާގައި 607 މީހުން މަރުވެފައިވާއިރު 214 މީހަކު ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ދެ މިލިއަނަށް ވުރެ ގިނަ މީހުން މި ކާރިސާގައި އެކި ގޮތްގޮތުން ގެއްލުމާ ކުރިމަތިލާން ޖެހިފައިވާއިރު މިއީ ލަންކާގެ އާބާދީގެ 10 ޕަސެންޓަށް ވުރެ ގިނައެވެ. ހާލަތު އެންމެ ގޯސްވި އިރު 225،000 މީހުން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ގެންދިޔަ ނަމަވެސް މިހާރު އެތަނުގައި ތިބީ 150،000 މީހުންނެވެ.

ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއަކާ ކުރިމަތިލައި އައިއެމްއެފުގެ ބެއިލްއައުޓް ހޯދައި އަޑިގަނޑުން އަރައިގަތުމަށް މަސައްކަތްކުރަމުން އައި ވަގުތު ލަންކާއަށް މިފަދަ ބޮޑު އާފާތެއް ކުރިމަތިވުމުން ގައުމަށް އިތުރު ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އައިއެމްއެފުގެ ބެއިލްއައުޓްގެ 2.9 ބިލިއަން ޑޮލަރުގެ ޕެކޭޖުން މި މަހު ދޭން ހަމަޖެހިފައިވާ 347 މިލިއަން ޑޮލަރުގެ އިތުރުން ލަންކާއިން 200 މިލިއަން ޑޮލަރު އިތުރަށް ދޭން ވެސް މިހާރު ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.