ހުޅުމާލެ ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން ފަށައިފި

ހުޅުމާލެ ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން ފަށައިފި

Author
އަހުމަދު
06 ޑިސެމްބަރ 2025 02:29
0

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މި ޕްރޮގްރާމު ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.

އެޗްޑީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ލޯކަލް ގަވަރުމަންޓް މިނިސްޓްރީއާއި ފުލުހުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ތިން ދުވަހަށް ކުރިއަށްދާނެއެވެ. މި ދުވަސްތަކުގައި ހުޅުމާލޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނަގަން ނިންމައިފިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މަގުމަތީގައި ގަވައިދާ ހިލާފަށް އުޅަނދުތައް ޕާކްކުރުމާއި ހަލާކުވެފައިވާ އުޅަނދުތައް މަގުމަތީގައި ބާއްވާތީ އާންމުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށެވެ. އުޅަނދު ރާއްޖެ ގެނެސް ވިއްކާ ބައެއް ފަރާތްތަކުންވެސް އުޅަނދުތައް މަގުމަތީގައި ބަހައްޓާތީ މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި ތަކްލީފްތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރި އުސޫލުން ރެޖިސްޓްރީ ނުކޮށް އުޅަނދުތައް ބަހައްޓާފައި ހުރި ފަރާތްތަކަށް މިނިސްޓަރު ވިދާޅުވީ ވިޔަފާރި އުސޫލުން ކުރާ އެހެން ކަންތައްތަކާ އެއްގޮތަށް އެއެއްޗެހި ބަހައްޓަން އަމިއްލަ ތަނެއް ހޯދަންޖެހޭ ކަމަށެވެ. ބޭނުންތަކަށް ގެނެވިފައިވާ އުޅަނދުތަކާއި ޓެކްސީތަކަށް ތަނެއް ނުލިބި އުޅޭއިރު ވިޔަފާރި އުސޫލުން ރެޖިސްޓްރީ ނުކޮށް އުޅަނދުތައް މަގުމަތީގައި ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިފަދަ ޕްރޮގްރާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ. ދޭތެރޭ ދޭތެރެއިން މިކަހަލަ މައްސަލަތައް ދިމާވަމުންދާއިރު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް އުޅަނދުތައް ޕާކްކޮށްފައި އޮންނަކަމަށް ސީޕީ ވިދާޅުވިއެވެ. ފުލުހުން ބުނީ ހުޅުމާލެއިން ޓޯކުރާ އުޅަނދުތަކާ މެދު އަމަލުކުރާނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.