މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏަކަށް އުސޫލުން ބޭރުން ބިންތަކެއް ދޫކޮށްފައިވާ ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކުރައްވާ ތުހުމަތުތައް މޭޔަރު ދޮގު ކޮށްފިއެވެ.
ނަހުލާ ތުހުމަތުކުރައްވާ ގޮތުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އާއިލީ ކުންފުންޏަކަށް ބިޑަކާ ނުލައި ވިލިމާލެއިން ބިމެއް ދީފައިވެއެވެ. އަދި އާޒިމްގެ އާއިލީ ކުންފުންޏަކަށް ބަގީ ބެހެއްޓުމަށް ދޫކޮށްފައިވާ ބިމަކަށް ކުލި ނުދައްކައި އޮތް ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި އާޒިމް ވިދާޅުވީ އޭނާގެ ދައުރުގައި އެއްވެސް މީހަކަށް ބިމެއް ދިނުމުގެ އެއްބަސްވުމެއް ހައްދަވާފައި ނޯންނާނެ ކަމަށެވެ. އެއްބަސްވުންތައް ބަލައި ތަންފީޒުކުރުމަކީ ސެކެޓްރީ ޖެނެރަލްގެ ޒިންމާއެއް ކަމަށާއި، އެސްޖީ މުހައިމިން ވެސް ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވެފައިވާ ކަން އާޒިމް ފާހަގަކުރެއްވިއެވެ.
ނަހުލާއަކީ ކައުންސިލުގެ ރަސްމީ ލިޔެކިޔުމެއް އިރާލައި ހެކި ނައްތާލަން އުޅުމުގެ ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ބޭފުޅެއް ކަމުން އެ ބޭފުޅާ ދައްކަވާ ވާހަކަ ގަބޫލުކޮށްގެން ނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އޭނާ ހުންނަވާ ތަނެއްގައި ވައްކަމާއި ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ