ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް އުނިކުރިޔަސް އެކަމުން އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނަށް ދޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނަށް އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. އެ އިސްލާހުގައި އިޖުތިމާއީ މަސައްކަތްތަކަށް އޮފީހާއި މުވައްޒަފުން ހަމަޖެއްސުމަށް މަހަކު 175،000 ރުފިޔާ ދިނުމަށް ބުނާ މާއްދާ އުނިކުރުން ހިމެނެ އެވެ.
މި އިސްލާހާ ގުޅިގެން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ޔާމީނަށް ފާޑުވިދާޅުވެފައިވާއިރު، އެ ވާހަކަތަކަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ ވެރިކަމުން ވަކިވެވަޑައިގެންނެވި ފަހުން 7 އަހަރު ތެރޭ އޮފީސް ހިންގަން ލޯ ލާރިއެއް ވެސް ނުނަންގަވާ ކަމަށެވެ. އަދި އެމަނިކުފާނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ބޭސްފަރުވާގެ ބިލު އާސަންދައަށް ފޮނުއްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މި ބަދަލުން ގެއްލުން ވާނީ މިހާރުގެ ސަރުކާރުގެ ރައީސް ވެރިކަމުން ވަކިވެވަޑައިގަންނަވާ ދުވަހަކުން އެމަނިކުފާނަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ