ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށަކަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5000 ރުފިޔާގެ އިދާރީ ފީއެއް ނަގަން އެ ސިޓީ ކައުންސިލުން އަލުން ފާސްކޮށްފިއެވެ.
މި ފީ ނަގަން ކައުންސިލުން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ޖެނުއަރީގައެވެ. އެ ނިންމުމުގެ މައިގަނޑު ބޭނުމަކީ ތިނަދޫގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމެވެ. ނަމަވެސް އެ ނިންމުން ގަވައިދާ ޚިލާފު ކަމަށްބުނެ ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ ނިންމުން އަނބުރާ ގެންދިޔުމަށް ދެ ދުވަސް ފަހުން ކައުންސިލަށް ސިޓީފޮނުވިއެވެ.
އެލްޖީއޭގެ ލަފާގެ މަތިން އިޖުރާއަތުތައް އިސްލާހުކުރުމަށް، ކައުންސިލުން މިދިޔަ އޮގަސްޓް މަހުގެ 10ވަނަ ދުވަހު ރައްޔިތުންނާއެކު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ގޫގަލް ފޯމް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމުން، ބައިވެރިވި ގިނަ ރައްޔިތުން ނިންމީ ރަށްވެހިކަމުން ވަކިވާ މީހުންގެ އަތުން 5000 ރުފިޔާގެ އިދާރީ ފީ ނެގުމަށް ކަމަށް ކައުންސިލުން ހާމަކުރިއެވެ.
މި މަހުގެ 16ވަނަ ދުވަހު ބޭއްވި ރަސްމީ ބައްދަލުވުމުގައި، ކައުންސިލުން އާންމުކުރި އެންމެ ފުރަތަމަ އިއުލާނު ބާތިލްކުރުމަށްފަހު، މި ނިންމުން އަލުން ރަސްމީކޮށް ފާސްކުރީ އިޖުރާއަތުތައް ފުރިހަމަކޮށް، ރައްޔިތުންގެ ރުހުމާއެކު ކަމަށް ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ