ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތާއި ގިރާވަރުފަޅު ހިއްކުމަށް ދެވަނަ ޑްރެޖަރެއް ރާއްޖެ ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، ޑްރެޖަރު ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން މިއަދު ރާއްޖެ ގެނެސްފައިވާއިރު، މި ޑްރެޖަރުން މާދަމާ މަސައްކަތް ފަށާނެއެވެ. މިހާރު ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަމުން އަންނަ ޑްރެޖަރާއެކު މި ޑްރެޖަރުން މަސައްކަތް ކުރާނެއެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ފަހުން ދެ ޑްރެޖަރުވެސް ގިރާވަރުފަޅު ހިއްކުމަށް ބޭނުންކުރައްވާނެ ކަމަށާއި، އެ މަސައްކަތް ދެ ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްދާ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 24 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް މި މަހު އަލުން ފަށާފައިވެއެވެ. މި މަޝްރޫއަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ