ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އޮންނަ، އެމެރިކާގެ އިންތިޚާބީ ރައީސް ޖޯބައިޑްންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅު ވެއްޖެއެވެ.
ޓްރަމްޕް މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގަ އެވެ.
To all of those who have asked, I will not be going to the Inauguration on January 20th.
— Donald J. Trump (@realDonaldTrump) January 8, 2021
ބައިޑްން ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެކަން ޓްރަމްޕް އިއުލާން ކުރައްވާފައިވާއިރު، މިމަހުގެ 7 ވަނަ ދުވަހު، އެމެރިކާގެ ގާނޫނަ ހަދާ މަޖިލިސް ކުރާގެ، ކެޕިޓަލް ހިލްއަށް، ޓަރަމްޕްއަށް ތާއީދުކުރާ ފަރާތްތަކުން ހަމަލާދީ އިމާރާތައް ގެއްލުންދީ އަދި ހިގި ހަމަނުޖެހުންތަކުގައި 5 މީހަކު މަރުވެގެން ދިއުމާގުޅިގެން އެމެރިކާގެ އެތައް ބައެއްގެ ނުރުހުން ދަނީ ޓްރަމްޕަށް އަމާޒުވަމުންނެވެ.
އަދި މީގެއިތުރުން، މި ހަމަނުޖެހުންތަކުގެ ޒިންމާ ޓްރަމްޕް ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެ، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ އެތަކެއް މެމްބަރުންނެއް ދަނީ، ބައިޑްން ހުވާކުރެއްވުމުގެ ކުރިން، އޭނާ މަގާމުން ދުރުކުރުމަށްވެސް ގޮވާލަމުންނެވެ.
މިގޮތުން، އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުންކޮށްގެ، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ އިސްނެންގެވުމަށް ޓްރަމްޕް މަގާމުން ދުރު ނުކޮށްފިނަމަ، ސެނެޓަށް މައްސަލަ ހުށަހަޅުގައްވައިގެން، ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް، ސެނެޓްގެ ރައީސާ ނާންސީ ޕެލޯސީ ވަނީ ވިދާޅުވެފައެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިޚާބުގެ ނަތީޖާ އަބުރާލުމަށް ޓްރަމްޕް މިހާތަނަށް ވަނީ އެތައް ގޮތަކުން މަސައްކަތް ކުރައްވާފައެވެ. މިގޮތުން އިންތިޚާބީ ރައީސް ޖޯ ބައިޑްއަށް ރުހުން ދިނުމަށް މިމަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސްގައި ބޭއްވުނު ޖަލްސާއަށް ހުރަސްއެޅުމުގެ ގޮތުން މުޒާހިރާ ކުރުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. އަދި މުޒާހިރާގެ ބައިވެރިން ގާނޫނުހަދާ މަޖިލިސް ކުރާގެއަށް ހަމަލާދީފައިވަނީ، އޭނާ ހިތްވަރު ދެއްވައިގެން ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ސަރުކާރުގެ އިސް އެތަކެއް ބޭފުޅުންނެއް މިހާރުވަނީ އިސްތިއުފާވެސް ދެއްވާފައެވެ.
މީގެތެރޭގައި ކެބިނެޓްގެ ވަޒީރުންނާ، ގާތް އެތަކެއް އެޑްވައިޒަރުންގެ އިތުރުން، ޓްރަމްޕަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ތާއީދުކުރަމުން އައި އެތަކެއް ބޭފުޅުންންނެއް ހިމެނެއެވެ.
އިތުރު ފުރުސަތެއް ނުދީ ޓްރަމްޕް މަގާމުން ދުރުކުރުމަށް މައިގަޑު ގޮތެއްގައި ގޮވާލަމުންދަނީ ބައިޑްން ނިސްބަތްވާ ޑިމޮކްރަޓިކް ޕާޓީގެ ސެނެޓަރުންނެވެ. އެހެންމަވެސް، ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުންވެސް މިހާރުދަނީ މިގޮވާލުންތައ ތަކުރާރު ކުރައްވަމުންނެވެ.
"އެމެރިކާގެ މިހާރުގެ ރައީސް އެންމެ ދުވަހަކުވެސް އިތުރަށް ވެރިކަމުގައު ބަހައްޓާއިގެން ނުވާނެ،" ސެނެޓް ފެބްރުއަރީމަހު އަލަށް ހުޅުވިގެން ދާއިރު، ރިޕަބްލިކަން ޕާޓީ އެންމެ އިސްކޮށް ތަމްސީލުކުރުމަށް ޖަމަޖެހިފައިވާ ޝޫމާ ވިދާޅުވިއެވެ.
އޭނާވަނީ، އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުން ކޮށްގެން ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލައްވާފައެވެ. މިމާއްދާގައި ބުނަނީ، އެމެރިކާގެ ރައީސްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތުގެ ސަބަބުން މަގާމުގެ ވާޖިބްތައް އަދާ ކުރުމަށް ނުކުޅެދިއްޖެނަމަ، ނައިބް ރައީސް ޒިންމާތަކާ ހަވާލުވާނެ ގޮތުގެ ވާހަކަތަކެވެ.
މިމާއްދާގައިވާ ގޮތުން، ނާއިބް ރައީސް ޕެންސް މިކަމަށް އިސްނަންގަވާ އަދި ކެބިނެޓް 8 ވަޒީރަކު ޕެންސްއާއި ގުޅިވަޑައިގެން ޓްރަމްޕާއި ދެކޮޅަށް ތެޖުވެއްޖެ ނަަމަ، ޓްރަމްޕް މަގާމުން ދުރުކުރުމުގެ ފުރުސަތު ލިބިގެންޗދެއެވެ. އެހެންނަމަވެސް، ބެލެވިފައިވަނީ މިއީ ވުމަށްވުރެ ނުވުން ގާތްކަމެއްގެ ގޮތުގައެވެ.
ސަގާފީގޮތުން، އެމެރިކާގެ އޮފީސް ދޫކުރައްވާ ކޮންމެ ރައީސަކުވެސް، އާ ރައީސް ހުވާކުރައްވާ ދުވަހުގެ ހެދުނު، ވައިޓް ހައުސްއިން އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވެއެވެ. އަދި މަގާމުގެ ހުވާ ކުރެއްވުމަށްޓަކާ، ކެޕިޓަލް ހިލްއަށް ވައިޓް ހައުސްއިން ދަތުރުކޮށް ކޮށްފައި ދެބޭފުޅުންވެސް ވަޑައިގަންނަވަނީ އެކީގައެވެ. މީގެ 4 އަހަރުކުރިން ޓްރަމްޕްވެސް ވަނީ، އޭރުގެ ރައީސް އޮބާމާއާއެކު، ހުވާކުރެއްވުމަށްޓަކާ ވައިޓް ހައުސްއިން ކެޕިޓަލް ހިލްއަށް އެއް ކާރެއްގައި ދަތުރު ކުރައްވާފައެވެ.
އެންމެ ފަހުން އެމެރިކާގެ ރައީސަކު، އަލަށް ހުވާކުރައްވާ ރައީސެއްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތެއްގައި ބައިވެރި ވެވަޑައިގެންފައި ނުވަނީ 1869 ވަނަ އަހަރުއެވެ. އެއަހަރު، އަލަށް އިންތިޚާބުވި ރައީސް އުލީސެސް އެސް ގްރާންޓް ވަނީ، ވައިޓްހައުސް ދޫކުރައްވާ ވަޑައިންނަވާ ރައީސް ޖޯންސަން ޖޯންސަން އާއެކު އެއް އުޅަދެއްގައި ހުވާ ކުރައްވަން ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. ނަތީޖާއެއްގެ ގޮތުން ޖޯންސަން ޖޯންސަން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބެއްލެވީ ވައިޓްހައުސްގައި އިންނަވާގެންނެވެ.