ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަރުމުދާ ގަތުމުގައި ކުރިމަތިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްއިން އާ ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފުކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ފައިނޭންސިންގގެ ދަށުން، ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކުއިޕްމަންޓް، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރަށް އިންޖީނު އަޅައިދިނުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިސާ ލިބެން ހުންނާނެއެވެ. ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000 ރުފިޔާއިން ފެށިގެން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދެވޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ހާމަކޮށްފައިވެއެވެ.
އެއްވެސް ރަހުނަކާ ނުލައި 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. ރަހުނާއެކު ފެސިލިޓީ ނަގާނަމަ 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 10 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ %9 އާއި %10.5 އާ ދެމެދުގައެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ވިޔަފާރިތަކުން ހަރުމުދާ ގަތުމަށް ކުރިމަތިވާ މާލީ ދަތިތަކަކީ އެފަރާތްތަކުގެ ކުރިއެރުމަށް ހުރަހަކަށް ވެފައިވާ ކަމެއް ކަމަށާއި، މި ފައިނޭންސިންގއާއެކު އާ އިކުއިޕްމަންޓް އަދި މެޝިނަރީގެ އެހީގައި ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުވެ އާ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމެންޓު ފޮނުވާ