ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 3 އަހަރުތެރޭ 24 މީހަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 3 އަހަރުތެރޭ 24 މީހަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި

Author
ޙަސަން މުޙައްމަދު
22 ނޮވެމްބަރ 2025 04:33
0

ބޯންމެރޯ ޓްރާންސްޕްލާންޓް (ބީއެމްޓީ) ހެދުމަށް ޒަކާތު ފަންޑުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 24 މީހަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ވަނީ 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޒަކާތު ފަންޑުގެ ދަށުން ބީއެމްޓީ ހެދުމަށް ދީފައިވާ މާލީ އެހީތެރިކަމުގެ މައުލޫމާތު އާންމުކޮށްފައެވެ.

އެންސްޕާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޒަކާތު ފަންޑުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2023 ވަނަ އަހަރު ވަނީ 5 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމަށް ޖުމްލަ 3،851،947.62 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރު ބޯންމެރޯ ހެދުމަށް 9 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިކަމަށް 7،303،110.34 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި އަހަރުގެ (2025) ތަފާސްހިސާބުތައް އަދި ފުރިހަމައަށް ނުލިބުނު ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 14 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ބޮޑެތި ސިއްހީ މައްސަލަތަކުގައި ސަރުކާރުން ވެދެއްވާ އެހީތެރިކަމުގެ މުހިއްމު ބައެކެވެ. ޚާއްސަކޮށް ތެލަސީމިއާ ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ. ރާއްޖެއިން ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މި ސިޔާސަތުގެ ދަށުން، ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިއީ ތެލަސީމިއާ ބަލީގެ ސަބަބުން ދިރިއުޅުމަށް ދަތިވާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. ޒަކާތު ފަންޑުގެ އެހީތެރިކަން އިތުރުވަމުންދާކަން މި ތަފާސްހިސާބުތަކުން ދައްކައިދެއެވެ، އަދި މިފަދަ ބޮޑެތި ފަރުވާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ގައުމީ ފެންވަރުގައި ކުރިއަށްދާ މުހިއްމު މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.