ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވީޒާ ޚިދުމަތްތައް އޮންލައިންކުރުމުގެ ގޮތުން އީ-ވީޒާ ސިސްޓަމް ތައާރަފްކުރަމުން، މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުގެ ޚިދުމަތްތަކުގައި ބޮޑެތި ބަދަލުތަކެއް އަންނަކަން އިމިގްރޭޝަނުން އިއުލާންކޮށްފިއެވެ.
އެ ތާރީޚުން ފެށިގެން ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓަށް ވީޒާ ޖެހުމުގެ ބަދަލުގައި ދޫކުރާނީ އީ-ވީޒާއެވެ. މިހާރު ޕާސްޕޯޓުގައި އޮތް މުއްދަތު ހަމަނުވާ ވާރކް ވީޒާތައް އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވެ، އެ ވީޒާތަކެއް ވެލިޑްކަމުގައި ނުބެލެވޭނެއެވެ. ބިދޭސީން ރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ހުއްދަ ލިބޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތްނަމައެވެ.
އަލަށް ރާއްޖެ އަންނަ ވާރކް ޕާރމިޓް ފަރާތްތަކަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ދޫކުރާ އެންޓްރީ ޕާހުގެ ލިބިފައިވާނަމަ އެތެރެވުމުގެ ހުއްދަ ލިބޭނެއެވެ. ވަޒީފާދޭ ފަރާތުން ބިދޭސީއަކު ރާއްޖެ ވަންނަތާ 15 ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހަޅަންޖެހޭނެއެވެ. އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
ވާރކް ވީޒާ ފިޔަވައި އެހެން ބޭނުންތަކަށް ދޫކުރާ ވީޒާތަކަށް ވެސް އީ-ވީޒާ ދޫކުރާނަމަވެސް، މިހާރު ދޫކޮށްފައިވާ ސިންގަލް ނުވަތަ މަލްޓިޕަލް އެންޓްރީ ވީޒާތައް އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލު ނުވާނެއެވެ. އެ ވީޒާތައް މުއްދަތު ހަމަވަންދެން ސައްހަކަމުގައި ދެމިތިބޭނެއެވެ. އީ-ވީޒާއަށް އެދި ހުށަހަޅަންޖެހޭނީ ވީޒާގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. ހުރިހާ ވީޒާއަކަށް ވެސް އެދި ހުށަހަޅަންޖެހޭނީ www.immigration.gov.mv މެދުވެރިކޮށެވެ.
23 ވަނަ ދުވަހުގެ ކުރިން ވީޒާ ޖެހުމަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ސަރުކާރު ބަންދުނޫން ދުވަސްތަކު 08:30 އިން 1:30 އަށް އިމިގްރޭޝަންގެ ވީޒާ ޑިވިޜަން (ސްޓާރ ކްލައުޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ) އިން ހޯދަންޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ