ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ: ފުރަތަމަ ބުރުގައި 15،000

ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ: ފުރަތަމަ ބުރުގައި 15،000

Author
ހުސައިން
18 ނޮވެމްބަރ 2025 10:26
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވާފައިވާ ގޮތުގައި މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެއެވެ. މި ގޯއްޗަކީ 1،200 އަކަފޫޓުގެ ގޯއްޗެވެ.

ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރަސްމާލޭގައި ގޯތި ނޫން އިކޯ ސިޓީއަކަށް ބޭނުންވާ ތަންތަންވެސް ހިމެނޭނެ ކަމުގައެވެ. ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރާއިރު، މާލޭގެ ރަށްވެހިންނަށް ޚާއްޞަކޮށް 10،000 ގޯތި ދޫކުރުމަށް ނިންމައި އެ އުސޫލުވަނީ އިއުލާން ކޮށްފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމަށް ހައްލު ކުރުމަށް ކުރާ މަސައްކަތެކެވެ. އަންނަ ޑިސެމްބަރުގައި ބޮޑެތި ޑްރެޖަރުތައް ގެނެސް، އަންނަ އަހަރުގެ މާޗް އެޕްރީލް ހިސާބުން ރަސްމާލެ ހިއްކާ ނިންމާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަންނަ ޖެނުއަރީ މަހު ގޯއްޗަށް އެދި ހުޅުވާލާނެ ކަމަށާއި، ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ރައްޔިތުންނަށް ގޯތި ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ކަނޑަކުން ގޯއްޗެއް ނުދޭނަން، ހިކިފަސްތަނަކުން މި ދެނީ" ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.