ބޯހިޔާވަހިކަން އެންމެނަށް ސްކީމަށް އެޕްލިކޭޝަން ހުޅުވާލާނީ އަންނަ ޖަނަވަރީން ފެށިގެން

ބޯހިޔާވަހިކަން އެންމެނަށް ސްކީމަށް އެޕްލިކޭޝަން ހުޅުވާލާނީ އަންނަ ޖަނަވަރީން ފެށިގެން

Author
ހުސައިން
17 ނޮވެމްބަރ 2025 11:15
0

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯތި ދޫކުރާ ފުރަތަމަ ސްކީމަށާއި ފްލެޓަށް އެދެން އަންނަ ޖަނަވަރީ މަހުން ފެށިގެން ހުޅުވާލަން ނިންމައިފިއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 2026 ވަނަ އަހަރުގެ ޖަނަވަރީ 4 ވަނަ ދުވަހުން ފެށިގެން މާރިޗު 3 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓްރީން ބުނެފައިވެއެވެ.

މި ސްކީމުގެ ދަށުން ޖުމްލަ 15،000 ގޯތި އަދި 7،500 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯތިތަކަކީ 1،250 އަކަފޫޓުގެ ގޯތިތަކެކެވެ. މި އުސޫލުތައް ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. 15،000 ގޯތީގެ ތެރެއިން މާލޭ ރަށްވެހިންނަށް 10،000 ގޯތި ކަނޑައަޅާފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި ކަނޑައަޅާފައިވެއެވެ. މާލޭ ރަށްވެހިންނަށް ދޫކުރާ ގޯތިތައް ބެހިފައިވަނީ އުފަންވީއްސުރެ މާލޭގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7،000، މާލޭ ރަށްވެހިންގެ ދަފުތަރުގައިވާ ފަރާތްތަކަށް 1،000 އަދި ފަހުން މާލޭގައި ރަޖިސްޓަރީވި ފަރާތްތަކަށް 2،000 ގޯތި ލިބޭގޮތަށެވެ. ޚާއްސަ ކެޓަގަރީތަކުގެ ދަށުން މައިމުޅަވުމުގެ ސަބަބުން މިލްކުވުމުން މަހުރޫމްވި ފަރާތްތަކަށް ޖުމްލަ 2،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރާ 7،500 ޔުނިޓުގެ ތެރެއިން މާލޭ ރަށްވެހިންނަށް 4،000 ޔުނިޓު ކަނޑައަޅާފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ފަރާތްތަކަށް 1،500 ޔުނިޓު ކަނޑައަޅާފައިވެއެވެ. ޚާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ދަށުން 2،000 ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިން، ނުކުޅެދުންތެރިން، ޒުވާން އާއިލާތައް، ޓެކްސީ ޑްރައިވަރުން، ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުން، މަސްވެރިން، ސަރުކާރީ މުވައްޒަފުން، ސިކިއުރިޓީ ސާރވިސްތަކުގެ މުވައްޒަފުންނާއި ފަޤީރު އާއިލާތައް ހިމެނެއެވެ.

އެޕްލިކޭޝަން ހުށަހަޅާނީ www.hiyaavehi.gov.mv މެދުވެރިކޮށް ކަމަށާއި، އެއް ފަރާތަކަށް ގޯތި ދޫކުރުމުގެ އުސޫލާއި ފްލެޓް ދޫކުރުމުގެ އުސޫލުގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުން ހުށަހެޅުއްވޭނެކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.