ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަގީލްގެ ޝަރީއަތް ކެންސަލް

ފީފާގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަގީލްގެ ޝަރީއަތް ކެންސަލް

Author
ހުސައިން
17 ނޮވެމްބަރ 2025 11:13
0

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ފައިނޭންޝަލް ހެޑް މުހައްމަދު އަގީލް ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރު ތަންފީޒު ނުވުމުން މިއަދު ހެނދުނު 8:15 އަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއީ ފީފާ އިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަގީލްގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މައްސަލާގައި ބުނެފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 2021 ވަނަ އަހަރު އޭޕްރީލްގައި ފީފާ އިން އެފްއޭއެމްއަށް ޖަމާކުރި 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތުމަށް ޗެކެއް އަމިން ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ބައްސާމް ގަނެފައިވާ ޕެންޓްހައުސް މިހާރު ފުލުހުން ހިފަހައްޓާފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ބުނީ އިއްޔެގެ އަޑުއެހުމަށް އަގީލް ހާޒިރު ނުވުމުން އޭނާ ބަންދުގައި ބަހައްޓައިގެން މިއަދު ހާޒިރު ކުރުމަށް އަމުރު ނެރުނު ކަމަށާއި ނަމަވެސް އޭނާ އަދިވެސް ހާޒިރު ނުވެވުމުން މިއަދުގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.