ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަންހެން ކުދިންގެ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަންހެން ކުދިންގެ ދުވަހުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގެންފި

Author
ހުސައިން
15 ނޮވެމްބަރ 2025 06:49
0

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅުވައިގެން މާލޭގައި މިއަދު ކުރިއަށްގެންދިޔަ ޚާއްސަ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހިނގާލުން ފެށިފައިވަނީ އަމީނިއްޔާ ސްކޫލުގައި ހަވީރު ބޭއްވި ރަސްމިއްޔާތަކުންނެވެ. ހިނގާލުން ކުރިއަށްދިޔައީ ޗާންދަނީ މަގުން މަޖީދީމަގަށް ގޮސް ސޯޝަލް ސެންޓަރާ ހަމައަށެވެ. މާލޭގެ ސްކޫލްތަކުގެ ގިނަ އަދަދެއްގެ ގަރލް ގައިޑުން، ލިޓްލް މެއިޑުން، ސްޓަރރުން، ޔަންގް ލީޑަރުން އަދި ލީޑަރުން މި ހަރަކާތުގައި ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވިދާޅުވީ މި ހިނގާލުމަކީ އަންހެން ކުދިންގެ ޝުޢޫރުތަކާއި މުސްތަޤުބަލާމެދު ގެންގުޅޭ ތަސައްވުރުތައް ހިއްސާކުރުމާއި އެ ކުދިންގެ އިސްނެގުން ރަމްޒުކޮށްދިނުމަށް ބާއްވާ ހަރަކާތެއްކަމަށެވެ. ގައިޑް ހަރަކާތުގެ ތެރެއިން ދަސްކޮށްދޭ ކަންކަމަކީ އަންހެން ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދޭ މުހިންމު ހަރަކާތްތަކެއްކަމަށް ޗީފް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ލިބޭ ޢިލްމާއި ތަޖުރިބާގެ އަލީގައި ކެރޭ ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ހަރަކާތްތެރިވާ ނަމޫނާ ކުދިންކަމުގައި ތިބުމަށް ހުރިހާ ކުދިންނަށްވެސް އިލްތިމާސްކުރެއްވިއެވެ.

ހިނގާލުމުގައި ބައިވެރިވި އަންހެން ކުދިން ވަނީ އެ ކުދިންގެ ތަފާތު ޝުޢޫރުތަކާއި ކުރިމަގަށް ކުރާ އުއްމީދު ދައްކުވައިދޭ ބެނާތަކާއި ޕޯސްޓަރުތައް ބޭނުންކޮށްފައެވެ. މާލޭގެ އިތުރުން ހުޅުމާލޭގެ ސިންތެޓިކް ޓްރެކުގައިވެސް މިއަދު މި ހިނގާލުން ކުރިއަށް ގެންދިޔައެވެ. މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ "ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.