2.5 ބިލިއަން ރުފިޔާގެ ބޮންޑުން ބާޒާރަށް އަތުވެދާނެ ޕްރެޝަރު ހިފެހެއްޓުމަށް މަނިޓަރީ ފިޔަވަޅުތައް އަޅާނަން: މުނައްވަރު

2.5 ބިލިއަން ރުފިޔާގެ ބޮންޑުން ބާޒާރަށް އަތުވެދާނެ ޕްރެޝަރު ހިފެހެއްޓުމަށް މަނިޓަރީ ފިޔަވަޅުތައް އަޅާނަން: މުނައްވަރު

Author
ހުސައިން
15 ނޮވެމްބަރ 2025 06:42
0

ޕެންޝަން ފަންޑުން 2.5 ބިލިއަން ރުފިޔާގެ ސަރުކާރުގެ ބޮންޑެއް ގަންނަން ހިންގާ މުއާމަލާތުގެ ސަބަބުން ބާޒާރުގައި ފައިސާގެ ނެތް ޕްރެޝަރެއް އުފެދިދާނެ ކަމަށް ބަލައި، އެ ޕްރެޝަރު ހިފެހެއްޓުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވެ މުނައްވަރު ވިދާޅުވީ، އެ ޕްރޮޕޯސަލްއާ މެދު އެމްއެމްއޭއިން ދެކެނީ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، ބާޒާރަށް އަތުވެދާނެ ޕްރެޝަރު ހިފެހެއްޓުމަށް މަނިޓަރީ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، އޯޕަން މާކެޓް އޮޕަރޭޝަންސް ފަދަ ފިޔަވަޅުތައް ބޯޑުގެ ލަފާގެ މަތިން އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުއާމަލާތުގައި ޕެންޝަން އޮފީހުން ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ނިންމާފައިވާއިރު، އެ ފައިސާ ހޯދަން ޕެންޝަން ފަންޑުގައި ހުރި ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކާނެއެވެ. އިގުތިޞާދީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ނުސީދާކޮށް ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭއިން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރުމަށް ވާއިރު، އެކަމުގެ ނަތީޖާއަކީ އިގުތިސޯދުގައި ދައުރުވަމުން ނުދާ ފައިސާ ނެރުން ކަމަށް އެފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން ފައިނޭންސިން މާކެޓުގައި ޕްރެޝަރު އިތުރުވެދާނެ ކަމަށް ވިދާޅުވެ، މުނައްވަރު ވަނީ މުސާރަތައް ބަހާލައިގެން ބޮޑުކުރަން ލަފާދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.